× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ނިއުގެ ޗެއާމަން ކަމުން ކާނަލް ޒިޔާދު އިސްތިއުފާ ދެއްވައިފި

22 މޭ 2019

މާލެ، ދިވެހިރާއްޖެ - ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވަނިކޮށް ކްލަބްގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބްގެ ޗެއާމަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ސިޓީގައި ޒިޔާދު ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް ތިބި ކަމަށް ފެނުން ކަމަށާއި އެހެންކަމުން، މިއީ ކްލަބް އަލުން ނެގުމަށް ސަޕޯޓަރުންތަކެއް އިސްވެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ޒިޔާދުގެ އިސްތިއުފާ އާއި ގުޅޭ ގޮތުން ނިއު ރޭޑިއަންޓުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބުގެ ޗެއާމަން ކަމުން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އިސްތިޢުފާ ދެއްވާފައިވާތީ، ކުލަބުގެ ކުރީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ކުލަބުގެ ޗެއާމަން ކަމުގައި ކޮށްދެއްވި ހުރިހާ ހިދުމަތްތައް ފާހަގަކޮށް، ކްލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކުގައި މަސައްކަތް ކުރުމުގައި ކްލަބާއި ގާތް ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވެ ދެއްވި ހެޔޮބަސްފުޅަށް ޝުކުރުދަންނަވާފައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

Copyright © 2024 Maldives Football