× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ނިއުގެ ޖާގަ އެހެން ޓީމަކަށް ނުދޭން ނިންމައިފި

19 މޭ 2019

މާލެ، ދިވެހިރާއްޖެ - ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާގަ އެހެން ޓީމަކަށް ނުދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން މި ގޮތަށް ނިންމާފައިވަނީ ސަސްޕެންޝަން މަރުހަލާގައި އޮތް ޓީމެއްގެ ޖާގައެއް އެހެން ޓީމަކަށް ދިނުމުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުންނެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކްލަބެއް ރެލިގޭޓްވުން ނުވަތަ ކްލަބެއް ބައިވެރި ނުވެއްޖެނަމަ އެ ޖާގަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެހެން ކްލަބަކަށް ދެވިދާނެއެވެ. ނަމަވެސް ނިއުގެ މައްސަލަ އޮތީ މުޅިން ތަފާތުކޮށެވެ. އެގޮތުން މިސާލަކަށް އެފްއޭއެމް އިން އެހެން ކްލަބަކަށް އެ ފުރުސަތު ދީފައިވަނިކޮށް ނިއުއިން ކުޅުންތެރިންގެ މުސާރަ ހަލާސްކޮށް އެކްސްޓްރާ އޯޑިނަރީ ކޮޮންގްރެސް އެއް ބާއްވާ ސަސްޕެންޝަން އުވާލައިފިނަމަ އެ ކްލަބަށް މުބާރާތްތަކުގައި ވާދަކުރުމުގެ ހައްގު ލިބިގެންދާނެއެވެ.

އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިތުރު ޓީމަކަށް އެ ފުރުސަތު ދިނުމުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

"ލީގަށް އިތުރު ޓީމެއް ގެނެވޭނެ ހާލަތަކަށް މި އޮންނަނީ ރެލިގޭޓް ވުން ނުވަތަ ކޮލިފައިވެފައިވާ ޓީމެއް އަމިއްލައަށް އެ ފުރުސަތު ދޫކޮށްލުން. ނަމަވެސް ނިއު ރޭޑިއަންޓަށް ކުރިމަތިވެގެން މި އުޅެނީ ސަސްޕެންޝަނުގެ ހާލަތެއް. ސަސްޕެންޝަން އުވާލުމަކީ މާދަމާވެސް ވެދާނެ ކަމެއް އަދި އެހެންވެއްޖެނަމަ، މުބާރާތްތަކުގައި ވާދަކުރުމުގެ ހައްގު ނިއު ރޭޑިއަންޓަށްވެސް ލިބިގެންދާނެ." ޖަވާޒް ވިދާޅުވިއެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

Copyright © 2024 Maldives Football