× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ސީޒަން ހުޅުވާ މެޗް ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން

16 މޭ 2019

މާލެ، ދިވެހިރާއްޖެ - މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗް ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ހަމަޖައްސައިފި އެވެ.

ސީޒަން ހުޅުވާ މެޗްގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނައަޕް ފޯކައިދޫ ފުޓްބޯޅަ ކްލަބެވެ. ފޯކައިދޫ އަށް މި މެޗްގެ ދައުވަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު އެ ޓީމުން ދޫކޮށްލުމުންނެވެ. މެޗުގެ ފުރުސަތު ތިމަރަފުށިން ދޫކޮށްލީ ދަނޑު ތައްޔާރުނުވާތީ އާއި ޓީމު ވެސް އެކުލެވިފައިނުވާތީ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

ސީޒަން ހުޅުވާ މެޗުގެ ފުރަތަމަ ލެގު ކުޅެން ރާވާފައިވަނީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ފޯކައިދޫ ގައެވެ. އަދި ދެވަނަ ލެގް އޮންނާނީ ޖޫން މަހުގެ 10 ވަނަ ދުވަހު މާލޭ ގަ އެވެ.

މިއީ ފުރަތަމަ ޑިވިޝަނުގެ ޓީމެއް މިފަދަ ގޮތަކަށް ހޯމް އެންޑް އަވޭ އުސޫލުމް ރާއްޖޭގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ޕްރެޒިޑެންޓްސް ކަޕްގެ މެޗްތައް އައްޑޫ ސިޓީގެ ހިތަދޫ އާއި ހދ ކުޅުދުއްފުށީގައި ވަނީ ކުޅެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައިަވނީ ދިވެހި ފުޓްބޯޅަ ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ވިނަ ދަނޑުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް އެފްއޭއެމް އިން ނިންމާފައިވާ ކަމަށެވެ.

Copyright © 2024 Maldives Football