× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މާޒިޔާ އަތުންވެސް ވިކްޓަރީ ބަލިވެއްޖެ

25 އެޕްރީލް 2017

މާލެ، ދިވެހިރާއްޖެ - އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިވެ އެ ޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗް މާޒިޔާ އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މާޒިޔާ މި މެޗް ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓަށްވެސް 12 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެޓީމަށް ކުރި ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.

ސަސްޕެންޝަނުގެ ސަބަބުން ދެ ޓީމުގެ ވެސް މުހިންމު ދެ ކުޅުންތެރިން ނުލާ ކުޅުނު މިމެޗްގެ ކުރީކޮޅު ވިކްޓަރީން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ޖެހުމަށް އެ ޓީމަށް ވަނީ ނުކުޅެދިފައެވެ. މެޗްގެ 14 ވަނަ މިނިޓްގައި ސެޑިކް ފޮނުވާލި ބޯޅަ މާޒިޔާގެ ޑިފެންޑަރަކު ދިފާއު ކުރިއިރު އޭގެ އިރުކޮޅެއް ފަހުން އަދުހަމް ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗްގެ 37 ވަނަ މިނިޓްގައި ލަނޑެއް ޖެހުމަށް ރަަގަޅު ފުރުސަތެއް އަސަދުﷲ އަބްދުﷲ އަށް ލިބުނު ނަމަވެސް ވިކްޓަރީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ބޭރުވެފައިވަނީ ގޯލުގެ ދަނޑި ކައިރިންނެވެ.

މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން މާޒިޔާއަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑަރ ރަކިޗް އެވެ.

މެޗްގެ 73 ވަނަ މިނިޓްގައި ނަތީޖާ އެއްވަރު ކުރުމަށް ވިކްޓަރީ އަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ހަސަން އަދުހަމް ފޮނިވާލި ބޯޅަ އަމާޒު ވީ ގޯލުގެ ދަނޑިއަށެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ރަކިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ ވިކްޓަރީގެ ގޯލުކީޕަރ ޔޫސުފް ވަނީ ދިފާއުކޮށްފައެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު ހަވީރު މާޒިޔާ ނިކުންނާނީ ޔުނައިޓެޑް ވިކްޓަރީ އާއި ދެކޮޅަށެވެ. އަދި އެރޭ ނިއު ރޭޑިއަންޓް ނިކުންނާނީ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football