× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މޯހަން ބަގާން މެޗަށް މާޒިޔާ އިންޑިޔާ އަށް ފުރައިފި

17 އެޕްރީލް 2017

މާލެ، ދިވެހިރާއްޖެ - އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާގެ މޯހަން ބަގާން އާއި ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ މެޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އިންޑިޔާއަށް ދިއުމަށް މިއަދު ހެނދުނު ފުރައިފިއެވެ.

މޯހަން ބަގާން އާއި ދެކޮޅަށް މާޒިޔާ ބުދަ ދުވަހު ނިކުންނައިރު އެ ޓީމު ވަނީ މި އަހަރުގެ މުބާރާތުގައި ދެ މެޗް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗްގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗް 2-0 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެފައިވާއިރު ދެވަނަ މެޗްގައި އަމިއްލަ ގައުމުގައި އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ބެންގަލޫރު އަތުން މާޒިޔާ ބަލިވެފައިވަނީ މެޗްގެ ފަހު ވަގުތުގައި އެ ޓީމުން ކާމިޔާބު ކުރި ލަނޑުންނެވެ.

މާޒިޔާ ހިމެނޭ ގްރޫޕް އީ ގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއްވެސް މިހާރު ދެ މެޗް ކުޅެފައިވާއިރު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗް ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ބެންގަލޫރު އެފްސީއެވެ. ދެވަނައިގައި އޮތް މޯހަން ބަގާން އާއި ތިން ވަނައިގައި އޮތް މާޒިޔާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު މޯހަން ބަގާން އަށް ކުރި ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ.

މޯހަން ބަގާން އާއި ދެކޮޅަށް އަންނަ ބުދަ ދުވަހު މާޒިޔާ ނިކުންނައިރު އެ ޓީމު ވަނީ ލީގުގައި އެންމެ ފަހުން ވާދަވެރި ނިއު ރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

Copyright © 2024 Maldives Football