× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެންމެ ބޮޑު އިސްކަމެއް ދޭނީ ޔޫތު ޑިވެލޮޕްމަންޓަށް - ވަންލީ

09 އެޕްރީލް 2017

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރުގެ ގޮތުގައި ހުރެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޔޫތު ޑިވެލޮޕްމަންޓަށް ކަމަށް އެ މަގާމާއި އަލަށް ހަވާލުވި ތުރުކީގެ ޖޭން ވަންލީ ބުނެފިއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ފުރުމަށް އެފްއޭއެމް އާއިއެކު ވަންލީ ވަނީ މިއަދު ސޮއިކޮށްފައެވެ. ވަންލީ ވަނީ މީގެ ކުރިން ވީބީ ސްޕޯޓްސް ކްލަބުގެ ކޯޗެއްގެ ގޮތުގައި އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދާފައެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޔޫތު ޑިވެލޮޕްމަންޓަށް އަދި މިކަން ކުރާއިރު ކުދިން ތަމްރީން ކުރާ ކޯޗުގެ ފެންވަރު ރަގަޅުކޮށް އާ ގޮތްތަކެއް ތައާރަފްކުރަން އެބަޖެހޭ. އެހެންކަމުން އެކަމަށް އިސްކަން ދޭނަން." ވަންލީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ރާއްޖެއަކީ އޭނާއަށް ހާއްސަ ތަނެއް ކަމަށާއި އެހެންކަމުން ދިވެހި ފުޓްބޯޅައަށް ހިދުމަތް ކުރުމުގެ ފުރުސަތު އަލުން ލިބުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

"މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް. ރާއްޖެ ފަދަ މުސްލިމް ގައުމެއްގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާ ކުރަން. ބައިނަލްއަގްވާމީ ތަޖުރިބާތަކެއް އަހަރެންނަށް ވަނީ ލިބިފަ އެހެންކަމުން އޭގެ އަލީގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ދާން މަސައްކަތް ކުރާނީ." ވަންލީ ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ޓެކްނިކަލް ޑިރެކްޓަރެއް ހަމަޖެހިގެން ދިއުމަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ވަންލީ އަކީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ހުރި ފަރާތެއް އެހެންކަމުން އޭގެ އަލީގައި ދިގު މުއްދަތުގެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ރާވާފަ އެބައޮތް. އަދި ވަންލީގެ ފަރާތުން ދިވެހި ފުޓްބޯޅައަށް ފައިދާތަކެއް ކުރާނެކަމުގެ ޔަގީންކަން އެބަ އޮތް." ބައްސާމް ވިދާޅުވިއެވެ.

ފުޓްބޯޅައިގެ ޓެކްނިކަލް އެނަލިސިސްގެ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވަންލީ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ކޮންފެޑަރޭޝަންސް ކަޕްގައި ވާދަކުރި ތުރުކީ ޓީމުގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

Copyright © 2024 Maldives Football