× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ތިން ކްލަބަކާއެކު ތިން ކުންފުނިން ސޮއިކޮށްފި

03 އެޕްރީލް 2017

މާލެ، ދިވެހިރާއްޖެ - ފުޓްބޯޅަ ކްލަބް ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ތިން ކްލަބަކަށް ކަނޑައެޅިފައިވާ ތިން ކުންފުންޏަކާއެކު އެ ތިން ކްލަބުން ސޮއި ކޮށްފިއެވެ.

އެގޮތުން އިއްޔެ ޔުނައިޓެޑް ވިކްޓަރީގެ ސްޕޮންސާ ކަމުގައިވާ ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު ސޮއި ކޮށްފައިވާއިރު ކްލަބް އީގަލްސްގެ ސްޕޮންސާ ކަމުގައިވާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ވެސް ވަނީ ސޮއިކޮށްފައެވެ.

އަދި ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ކްލަބް ގްރީން ސްޓްރީޓްސް އާއިއެކު އެކްލަބުގެ ސްޕޮންސާ މޯލްޑިވިއަން ވަނީ މިއަދުގެ ވަގުތެއްގައި ސޮއި ކޮށްފައެވެ.

އެފްއޭއެމް އާއި ކުންފުނިތަކާއި ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ކޮންމެ ކްލަބަކަށް 2 މިލިއަން ރުފިޔާ މި ކުންފުނިތަކުން ހަރަދު ކުރާނެއެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ކްލަބްތަކަށް އިތުރު 1 މިލިއަން ރުފިޔާ ހަރަދު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކްލަބްތަކަށް ހަރަދު ކުރުމަށް ކުންފުނިތަކާއި ހަވާލުވާއިރު ގިނަ ޝަރުތުތަކެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން ފުލް ޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހުރުމުގެ އިތުރުން ޔޫތް ޓީމުތައްވެސް އޮންނަން ޖެހެއެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި ކްލަބްތަކާއި ކުންފުނިތަކާއި ދެމެދު ސޮއި ކުރުން އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެފްއޭއެމާއި ކުންފުނިތަކަށް ކްލަބްތަކުގެ އޮޑިޓް ރިޕޯޓް ހުށައަޅަން ޖެހެއެވެ. އަދި އެކަން ނުކޮށްފިނަމަ ކްލަބްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެ ނިޒާމެއްވެސް އޮންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ވިދާޅުވެފައެވެ.

Copyright © 2024 Maldives Football