× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ގައުމީ ޓީމަށް އާ މެނޭޖަރެއް ހަމަޖައްސައިފި

27 މާރޗް 2017

ގައުމީ ފުޓްބޯޅަ ޓީމުގެ އާ މެނޭޖަރަކަށް، އެފްއޭއެމް އެކްސްކޯގެ ކުރީގެ މެމްބަރު މުހައްމަދު އީސަ (މޯ) މިއަދު ހަމަޖައްސައިފި އެވެ.

ގައުމީ ޓީމާއި ވިކްޓަރީގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ)ގެ ބޭބެ، މޯ އަކީ ޓީސީ ސްޕޯޓްސް ކްލަބްގެ އިސް އޮފިޝަލެކެވެ. މި މަހުގެ ކުރީކޮޅު ބަންގާޅުގައި އޮތް ޝޭހު ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ޓީސީ ހޯދިއިރު، އެ ޓީމުގެ މެނޭޖަރަކަށް ހުރީ މޯ އެވެ. އަހުމަދު ތޯރިގް (ޓޮމް)ގެ ދައުރުގައި އެފްއޭއެމްގެ އެކްސްކޯގައި ވެސް މޯ ހިމެނުނެވެ.

މިއަދު ހަވީރު އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ކުރިން ވާހަކަދައްކަވަމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެފްއޭއެމް އިން ބެލީ ފުޓްބޯޅަ އަށް ވަގުތު ދެވޭނެ ފަރާތަކަށް މެނޭޖަރުކަން ދޭން ކަމަށެވެ. އަދި މޯ އަކީ ފުޓްބޯޅަ އަށް ވަގުތު ދެވޭނެ، ފުޓްބޯޅައިގެ މީހެއް ކަމަށެވެ.

"ކުރިން މެނޭޖަރުކަން ކުރި ބައެއް ބޭފުުޅުންނަކީ އެހެން ދާއިރާތަކުގައި ވެސް މަސައްކަތްކުރައްވަމުން ގައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވި ބޭފުޅުން. އެފްއޭއެމް އިން މި ފަހަރު ބޭނުންވީ ފުޓްބޯޅަ އަށް ވަގުތު ދެވޭ މީހަކަށް މެނޭޖަރުކަން ދޭން. މޯ އަކީ ފުޓްބޯޅައިގެ މީހެއް،" ޖަވާޒް ބުންޏެވެ.

މޯ ބުނީ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވަނީ ސަޕޯޓް ކަމަށާއި އެންމެގެން ގުޅިގެން ކާމިޔާބަށް ވާސިލްވެވޭނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖެ ނުކުންނާނެ އެވެ.

Copyright © 2024 Maldives Football