× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ކުޅުންތެރިންނާމެދު ސްޓުވާޓް ހިތްހަމަޖެހިފައި

27 މާރޗް 2017

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ޓީމުގެ ތައްޔާރީތަކާއި ކުޅުންތެރިންނާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓުވާޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖެ ނުކުންނައިރު، ސްޓުވާޓް ބުނީ ޓްރެއިނިންތަކުގައި ކުޅުންތެރިންގެ ފަރާތުން ފެންނަ މަސައްކަތާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ޓީމުގެ ތަައްޔާރީތަކާމެދު އަހަރެންް ވަރަށް ހިތްހަމަޖެހޭ. ކުޅުންތެރިން ޓްރެއިނިންގައި އެކުރާ މަސައްކަތަށް އަހަރެން ތައުރީފްކުރަން،" އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ކަމަށްވާ ސްޓުވާޓް ބުންޏެވެ.

ރާއްޖެ އަށް މުހިންމު އޭޝިއަން ކަޕްގެ ކޮލިފައިން މެޗެއްގެ ކުރިން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ނުކުޅޭތީ އެފް.އޭ.އެމް އަށް ކޮންމެ ވެސް ވަރެއްގެ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެކަމަކު ސްޓުވާޓް ބުނީ ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ އެފްއޭއެމް އިން އެކުވެރިކަމުގެ މެޗެއް ނުކުޅޭ ގޮތަށް ނިންމީ ކަމަށާއި އެ ނިންމުން އޭނާ ގަބޫލްކުރާ ކަމަށެވެ.

"އެންމެނަށް ވެސް އެނގޭ ސިއްހީ ގޮތުން ރާއްޖޭގައި މި ދިމާވެގެން އުޅޭ ކަންތައް. މި ހާލަތުގައި އެކުވެރިކަމުގެ މެޗެއް ނުކުޅުމަކީ އެންމެ ރަނގަޅު ގޮތް. އަހަރެމެންނަށް އެކަން ގަބޫލްކުރެވޭ،" ސްޓުވާޓް ބުންޏެވެ.

ސްޓުވާޓް ބުނީ މި މެޗަށް ކުޅުންތެރިންނާއި އެފްއޭއެމް އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށްފި ކަމަށާއި މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް، އެ ނަތީޖާއަކާމެދު ޒިންމާވާނީ އޭނާ ކަމަށެވެ.

"ނަތީޖާ ގޯސްވެއްޖެ ނަމަ ޒިންމާ ނަގާނީ އަހަރެން. ކުޅުންތެރިންނާއި އެފްއޭއެމްގެ މަސައްކަތާމެދު އެއްވެސް ޝަކުވާއެއް ނެތް،" ސްޓުވާޓް ބުންޏެވެ.

Copyright © 2024 Maldives Football